މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

މިފްކޯއިން މަސްވެރިންނަށް ދެމުންދާ ޚިދުމަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މި ބަދަލު ގެނެވުނީ މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސްއާ ދެމެދު ޤާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެއެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވާނެއެވެ.

މިގެނެވުނު ބަދަލާއެކު މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރަކަށް 13.90ރ. އަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ، ލީޓަރެއް 13.72ރ. އަށެވެ.

މީގެ އިތުރަށް އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. މިގޮތުން އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 14.43ރ. އަށެވެ. ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މިބަދަލަކީ މަސްވެރިންނަށް ދޭ ޚިދުމަތްތަކުގެ އަގުހެޔޮކޮށް ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ކުރިއަށް ގެންދިޔައީ:

December 14, 2025