މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އައު ވެބްސައިޓް އިފުތިތާޙް ކޮށްފިއެވެ.
މިފްކޯގެ އައު ވެބްސައިޓް އިފުތިތާޙު ކުރެވުނީ ރަމަޟާންމަހަށް މަރުޙަބާކިޔުމަށް މިއަދު ބޭއްވި މާހެފުމާއެކު ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ހަފުލާގައި ވެބްސައިޓް އިފުތިތާޙުކޮށްދެއްވީ މިފްކޯގެ ޗެއަރމަން ޝިމާޒް އާއި މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރެވެ. މި ހަފުލާގައި މިފްކޯގެ ޑިޕާޓްމަންޓުތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
މިފްކޯގެ އައު ވެބްސައިޓް ވުޖޫދުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރީ މިފްކޯގެ އައިޓީ ޑިޕާޓްމަންޓުންނެވެ. އެގޮތުން އައިޓީ ޑިޕާޓްމަންޓުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރ ޢަބްދުﷲ މުޢީން ވަނީ ވެބްސައިޓުގައި ހިމެނޭ ފީޗަރތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައެވެ.

ޒަމާނީ ގިނަ ފީޗަރތަކަކާއެކު، އިނގިރޭސިބަހާއި ދިވެހިބަހުން ވެސް ބަލައިލެވޭގޮތަށް ފަރުމާކޮށްފައިވާ މި ވެބްސައިޓުން މަސްވެރިންނަށް ދުވަހުންދުވަހަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. އަދި މިފްކޯގެ އުފެއްދުންތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެބްސައިޓް މެދުވެރިކޮށް ވިޔަފާރީގެ ގުޅުން ގާއިމުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ވެސް ހިމެނެއެވެ. މީގެ އިތުރަށް މިފްކޯގެ ވަޒީފާއަށް ވަނުމަށް އެދޭ ފަރާތްތަކަށް ވަޒީފާއަށް އެދި ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިފްކޯގެ އައު ވެބްސައިޓަކީ މިފްކޯއާއި ނޫސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ވަސީލަތަކަށް ވެސް ވާނެއެވެ. މިގޮތުން މިފްކޯގެ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު މަޢުލޫމާތުތައް ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މަޢުލޫމާތަށް އެދުމަށް ފަސޭހަކޮށްދިނުމަށް އެކަމަށް ޚާއްސަ ޞޮފްޙާއެއް ވެސް ހިމަނާފައި ވެއެވެ.
މީގެ އިތުރަށް މި ވެބްސައިޓް ވެގެންދާނީ ދެފުށްފެންނަ، ނަޒާހަތްތެރި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ބައްޓަންކުރުމަށް މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތުގެ ވެސް ބޮޑު ހިއްސާއަކަށެވެ. މިގޮތުން ކުންފުނީގެ މާލީ ރިޕޯޓުތަކާއި ވެރިންގެ މާލީ ބަޔާންތަކުގެ އިތުރަށް ކޯޕަރޭޓް ގަވަރނަންސްގެ ދަށުން ހާމަކުރަންޖެހޭ މަޢުލޫމާތުތައް ވެބްސައިޓްކޮށް އާންމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
