ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލަކުގައި ޤާއިމުކުރަން ފެށި ފިޝް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމައި ޚިދުމަތަށް ތައްޔާރުވެއްޖެއެވެ.

ފުވައްމުލަކުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މަސައްކަތް 2019 ވަނަ އަހަރުގެ މެދުތެރޭ ފެށި، އެ އައިސް ޕްލާންޓާ އިންވެގެން މަސް ޕްރޮސެސް ކުރާ ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން 2021 ވަނަ އަހަރު ފެށިނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން އެ މަސައްކަތް އޮތީ ހުއްޓިފައެވެ. 2021 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ހުއްޓިފައި ވަނިކޮށް، ފުވައްމުލައް ސިޓީ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނޭގޮތުން، މަސްވެރިކަމާ ގުޅުންހުރި މަސައްކަތެއް އެ ސިޓީގައި ފަށައިދިނުމަށް 2022 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލުން ސަރުކާރުގައި އެދިވަޑައިގަތުމާ ގުޅިގެން ހަމަ އެ އަހަރު ސަރުކާރުން މި މަސައްކަތް މިފްކޯއާ ޙަވާލުކުރެއްވިއެވެ. ނަމަވެސް އަނެއްކާވެސް މަސައްކަތް ފަށައި ވަރަށް ބޮޑުތަނުން މެދުކެނޑިގެންދިއުމަށްފަހު، އާހިތްވަރަކާއެކު މަސައްކަތް އަލުން ފެށުނީ މިއަހަރުގެ އޮގަސްޓް މަހު މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި، އަހަރު ނިމުމުގެ ކުރިން އެ ފެސިލިޓީ ނިންމައި ޚިދުމަތް ފެށުމަށް ދެއްވި ޔަޤީންކަމާއެކުގައެވެ.

މިފްކޯގެ ސީއީއޯ ފުވައްމުލަކު ރައްޔިތުންނަށް ދެއްވި ޔަޤީންކަމާއެކު މަސައްކަތް އަލުން ފައްޓައި މިހާރު ވަނީ އެ ފެސިލިޓީގެ މަސައްކަތް މުޅިން ނިމި ޚިދުމަތަށް ތައްޔާރުވެފައެވެ. މިގޮތުން ޞިއްޙީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތްދެވޭގޮތަށް ޤާއިމުކުރެވިފައިވާ މި ފެސިލިޓީއަށް އެމްއެފްޑީއޭއިން މިހާރު ވަނީ ހުއްދަވެސް ދެއްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް ހަފުތާތެރޭ މި ފެސިލިޓީން ފުވައްމުލަކު ރައްޔިތުންނަށް މަސްގަނެ ޕްރޮސެސްކުރުމަށް ފެށޭނެއެވެ.

ފުވައްމުލަކު ރައްޔިތުންނަށް ސަރުކާރުން ފަހިކޮށްދެއްވައި މިފްކޯ މެދުވެރިކޮށް މިފަދަ ފެސިލިޓީއެއް ޤާއިމުކޮށްދެވުމަކީ މިފްކޯއިން ނުހަނު އުފާކުރާ ކަމެކެވެ. މިފްކޯގެ އުންމީދަކީ މި ފެސިލީޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ޕެކްކޮށް، އިތުބާރުހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި، މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދިއުމެވެ.

ކުރިއަށް ގެންދިޔައީ:

December 14, 2025