ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ފޯރުކޮށްދޭ މަސްދަޅު އުފެއްދުމުގައާއި ބެހުމުގެ މަސައްކަތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހަރަކާތްތެރިވި މުވައްޒަފުންގެ އަގުވަޒަންކޮށްފިއެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް ވެސް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމާފައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މަސްދަޅު އުފެއްދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ މިފްކޯއިންނެވެ. މިގޮތުން ރޯދަ ހަދިޔާގެ ގޮތުގައި ޖުމުލަ 118،977 މަސްދަޅުކޭސް ވަނީ އުފައްދާފައެވެ.
ރޯދަ ހަދިޔާގެ މަސްދަޅު އުފެއްދުމުގެ އިތުރަށް މަސްދަޅު ބެހުމުގެ މަސައްކަތުގައި ވެސް ސަރުކާރުގެ އިރުޝާދާ އެއްގޮތަށް މިފްކޯއިން ދަނީ ހަރަކާތްތެރިވަމުންނެވެ. މިގޮތުން މާލެ ސަރަހައްދުން މަސްދަޅު ދޫކުރާ އެއް މަރުކަޒަކީ މިފްކޯގެ ހެޑް އޮފީހެވެ. މި މަސައްކަތުގައި މިފްކޯގެ މުވައްޒަފުން ދަނީ ކޮންމެ ރެޔަކުވެސް ހަރަކާތްތެރިވަމުންނެވެ.
ރޯދަ ހަދިޔާގެ މަސްދަޅު އުފެއްދުމުގައާއި ބެހުމުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަގުވަޒަންކޮށް ކުންފުނީގެ ފަރާތުން ވަނީ އެ މުވައްޒަފުންނަށް ހަނދާނީ ލިޔުމެއް ދީފައެވެ. މި ލިޔުން ދެވުނީ ރަމަޟާންމަހަށް މަރުޙަބާކިޔުމަށް މިފްކޯ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ.
މި ހަފުލާގައި މަސްދަޅުގެ ކަންތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިފްކޯގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރެވެ. މުވައްޒަފުންގެ ހަނދާނީ ލިޔުންތަކާ ހަވާލުވެވަޑައިގަތީ މިފްކޯގެ ޖެނެރަލް މެނޭޖަރ – އޮޕަރޭޝަންސް ޙާމިދު ނަޒީމް އިބްރާހީމް އެވެ.
މީގެ އިތުރަށް މި ހަފުލާގައި ވަނީ ރަމަޟާންމަހަށް މަރުޙަބާކިޔުމުގެ ގޮތުން މުވައްޒަފުންނަށް ދީނީ މަޢުލޫމާތު ވެސް ދީފައެވެ. މިގޮތުން މަޢުލޫމާތު ދެއްވީ ޝައިޚް ޙަލީމް އެވެ. އަދި ޚާއްސަ ދުޢާއެއް ކުރުންވެސް އޮތެވެ.

މި ހަފުލާގައި މިފްކޯގެ އައު ވެބްސައިޓް އިފުތިތާޙު ކުރުމާއި ކޯޕަރޭޓް ޓީޝާޓް އިފުތިތާޙު ކުރުން ވެސް އޮތެވެ. އަދި ރޯދަމަހަށް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ގުރުއަތުން ހޮވޭ މުވައްޒަފުންނަށް ބަދިގެއަށް ބޭނުންވާ ތަފާތު ސާމާނު ދިނުމާއި ހަދިޔާ ބަދަލުކުރުން ވެސް ކުރިއަށް ގެންދިޔައެވެ.
