މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަސައްކަތުގެ މާޙައުލުގައި، މުވައްޒަފަކު ދެއްކި ނަމޫނާ ތެދުވެރިކަމާއި، އަމާނާތްތެރިކަން އަދި ރީތި އަޚްލާޤީ ސިފަތައް ފާހަގަކޮށް، އެ މުވައްޒަފުގެ އަގު ވަޒަންކޮށްފިއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ކިއުއޭ އިންސްޕެކްޓަރެއްގެ މަޤާމުގައި ހުރި ޖޫދު އިބްރާހީމްގެ އަގު ވަޒަންކޮށްފައިވަނީ، މަސްކިރުމުގައި ކުންފުނީގައި ހެދިފައި އޮންނަ އުޞޫލުތަކާއި އިންސްޕެކްޝަން މަރުޙަލާތަކާ ޚިލާފަށް، ރިޝްވަތު ދީގެން މަސްކިރުމަށް މަސްދޯންޏަކުން ހުށަހެޅި ނުރަގަޅު ހުށަހެޅުމަކަށް ސާބިތުކަމާއެކު އިންކާރުކޮށް، އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އިސްކޮށްފައި ވާތީއެވެ. އޭނާ ވަނީ ވަގުތުން އެ މައްސަލަ މެނޭޖްމަންޓަށް ރިޕޯޓްކޮށް، ކުންފުނީގެ އަބުރާއި އިތުބާރު ހިމާޔަތްކޮށްދީ، ދެފުށްފެންނަ، އިޚްލާޞްތެރި އަދި އަޚްލާޤީ މިންގަނޑުތަކަށް ކުންފުނިން ދޭ އަހަންމިއްޔަތު ސާބިތުކޮށްދީ ނަމޫނާ ދައްކާފައެވެ.

ޖޫދުގެ ނަމޫނާ އަމަލާއި ޕްރޮފެޝަނަލްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން، މެނޭޖްމަންޓުން ވަނީ އޭނާ ޖޫނިއަރ ކިއުއޭ އިންސްޕެކްޓަރުގެ މަޤާމުން ސީނިއަރ ކިއުއޭ އިންސްޕެކްޓަރުގެ މަޤާމަށް ޕްރޮމޯޓް ކޮށްފައެވެ.
އޭނާއަށް އަގުވަޒަންކުރުމުގެ ސެޓްފިކެޓް ހަވާލުކޮށްފައިވަނީ ރަމަޟާންމަހަށް މަރުޙަބާކިޔުމަށް ބޭއްވި މާހެފުމުގެ ތެރެއިންނެވެ. މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރެވެ.
ސީއީއޯ ވަނީ ކުންފުނީގެ އަގުތައް ހިފަހައްޓައި، އަޚްލާޤީ ގޮތުން ވަރުގަދަ ނަމޫނާއެއް ދެއްކިކަމަށްޓަކައި ޖޫދަށް ތަޢުރީފު ކުރައްވާފައެވެ. އަދި ކޮރަޕްޝަނަށް އެއްވެސް ފުރުޞަތެއް ކުންފުނިން ނުދޭނެކަން ތަކުރާރުކުރައްވައި، ނަޒާހަތްތެރިކަމާއި، ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމާއި، ޒިންމާދާރުކަމަކީ ކުންފުނީގެ މަސައްކަތްތަކުގެ މައިގަނޑު އަސާސްތައް ކަމުގައި ސީއީއޯ ފާހަގަކުރެއްވިއެވެ.
