މިފްކޯއަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ އާ ބުރެއް ފެށުމަށްޓަކައި ސްރީލަންކާގެ ސިނެކްއާއެކު މަޝްވަރާކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މުވައްޒަފުންނަށް ޓެކްނިކަލް ދާއިރާތަކުން ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ އާ ބުރެއް ފެށުމަށްޓަކައި ކޮލަމްބޯ އިންޓަނޭޝަނަލް ނޯޓިކަލް އެންޑް އިންޖިނިއަރިންގ ކޮލެޖް (ސިނެކް) އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބޭއްވީ މިފްކޯގެ ސީއީއޯ ރިޓަޔަރޑް ބްރިގޭޑިއަރ ޖެނެރަލް ފަރުހަތު ޝަހީރު ނިމިގެންދިޔަ ހަފުތާ ބަންދުގައި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިގޮތުން ސިނެކްގެ މައި ކެމްޕަހުގައި ސިނެކްގެ އިސްވެރިންނާ ބައްދަލުކުރައްވައި މިފްކޯއަށް ބޭނުންވާ ކުރު މުއްދަތުގެ ކޯސްތަކާއި ދިގު މުއްދަތުގެ ކޯސްތަކާއި އަދި އަމަލީ ތަޖުރިބާގެ ފުރުޞަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ މަސްއޫދު އިމާދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސިނެކާއި މިފްކޯގެ ގުޅުމަކީ ވަރަށް ޒަމާންވީ ގުޅުމެއްކަން ފާހަގަކުރައްވައި މިފްކޯގެ ސީއީއޯ ވިދާޅުވީ މިފްކޯގެ ހިންގުމުގައާއި އިންޖިނިއަރިންގެ ދާއިރާގައި އެންމެ އުސްހަރުފަތްތަކުގައި މިއަދު ތިއްބެވި ގިނަ ބޭފުޅުންނަކީ މީގެ 25 އަކަށް އަހަރު ކުރިން ސިނެކުން ތަމްރީނު ފުރިހަމަކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން މިފްކޯއިން މިއަދު ބޭނުންވަނީ އަނެއްކާވެސް އެފަދަ ތަމްރީނުތަކެއް ފަށައި މިފްކޯގެ ޓެކްނިކަލް ދާއިރާތަކުގައި ޚިދުމަތް ކުރުމަށް މަސައްކަތުގެ އަޚްލާޤު ލިބިފައިވާ ހުނަރުވެރިންތަކެއް ބިނާކުރުމަށް ކަމަށެވެ.

“މާދަމާގެ ބޭނުންތަކަށް އެކަށޭނަ، ޤާބިލް ޒުވާނުންތަކެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަދު ފެށުމަކީ ކޮންމެހެން މަޖުބޫރުކަމެއް. ކުންފުނީގެ ކުރިމަގު އުޖާލާކޮށް ދެމެހެއްޓޭނީ މުވައްޒަފުންނަށް އިސްކަންދީގެން.” މިފްކޯގެ ސީއީއޯ ވިދާޅުވިއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ ޖެނެރަލް މެނޭޖަރ (އެޗްއާރް އިންޗަރޖް )އާމިނަތު ސަނިއްޔާ ޝަރީފް ވިދާޅުވީ މިފްކޯގެ މުވައްޒަފުން ތަމްރީނުކޮށް ފެންވަރާއި ހުނަރު ތަރައްޤީކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ސިނެކާއެކު ބޭއްވުނު މި ބައްދަލުވުމުގައި ސިނެކްގައި މިހާރު ހިންގާ ކޯސްތަކުގެ ތެރެއިން ލިބެންހުރި ފުރުޞަތުތަކާއި މިފްކޯއިން ބޭނުންވާ ގޮތަށް ފަރުމާކޮށްގެން ހިންގިދާނެ ކޯސްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ. އެގޮތުން ރެފްރިޖަރޭޝަން އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، އަދި މެކޭނިކަލް އިންޖިނިއަރިންގ ފަދަ ދާއިރާތަކުން ފުރުޞަތުތައް ތަނަވަސްކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށް ސަނިއްޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވަރަށް އަވަހަށް މިކަމާ ގުޅޭ އެމްއޯޔޫގައި ދެފަރާތުން ސޮއިކޮށް، އޭގެ ދަށުން މީހުން ތަމްރީނުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށެވެ.

ކަނޑުދަތުރުފަތުރާ ގުޅޭ ފަންނީ އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފޯރުކޮށްދޭ ސިނެކް އަކީ ލަންކާގައި ހުރި މިފަދަ އެންމެ ބޮޑު އެއް މުއައްސަސާއެވެ. އަހަރަކު 21،000 އަށްވުރެ ގިނަ ދަރިވަރުންނަށް އެ މުއައްސަސާއިން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއެވެ.

ކުރިއަށް ގެންދިޔައީ:

September 18, 2025