ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް ށ. ފުނަދޫގައި ގާއިމުކުރި އައިސް ޕްލާންޓުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް މިފްކޯގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ފުނަދޫގައި ގާއިމުކުރި އައިސް ޕްލާންޓް ހުޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ފަރުޙަތު ޝަހީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުނަދޫ އައިސް ޕްލާންޓް ހުޅުވުމާ ގުޅިގެން މިފްކޯގެ ޖެނެރަލް މެނޭޖަރ – އޮޕަރޭޝަންސް އެންޑް ލޮޖިސްޓިކްސް އަޙްމަދު ޒާހިރު ވިދާޅުވީ ރަސްމީކޮށް ފުނަދޫ އައިސް ޕްލާންޓް ހުޅުވުމާއެކު އެ ތަނުގެ ޚިދުމަތް ފެށިފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށް ރޭގަނޑު 11:00 އާ ހަމައަށް މަސްވެރިންނަށް އައިސް ދޫކުރާނެ ކަމަށެވެ. ފުނަދޫގައި ގާއިމުކުރި 30 ޓަނުގެ އައިސް ޕްލާންޓުގައި 50 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހިމެނެއެވެ.
ޒާހިރު ވިދާޅުވީ ފުނަދޫ އައިސް ޕްލާންޓުން ޚިދުމަތް ލިބޭނީ ހަމައެކަނި އުތުރުގެ މަސްވެރިންނަށް ނޫން ކަމަށާއި އެހިސާބުގައި މަސްވެރިކަން ކުރާ އެހެން މަސްވެރިންނަށް ވެސް ފުނަދޫ ޕްލާންޓުން ޚިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް މިއީ ޚާއްސަކޮށް އުތުރުގެ މަސްވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއްގެ ގޮތުގައި ޒާހިރު ފާހަގަކުރެއްވިއެވެ.
“މިފްކޯއަކީ އަބަދުވެސް ތާޒާކަމާއެކީ މަސް ބޭރުކުރަން ބޭނުންވާ ބައެއް، ތާޒާ މަސް މިފްކޯއަށް ބޭނުންވަނީ. އެހެންވީމަ ބާނާ ހިސާބުން ފެށިގެން މަސްވެރިން މަހަށް އައިސް އެޅުމަކީ މިފްކޯއިން ވަރަށް ބޭނުންވާ ކަމެއް. އެގޮތުން ބަލާއިރު ފުނަދޫ އައިސް ޕްލާންޓަކީ މަސްވެރިންނަށާއި މިފްކޯއަށް ވެސް ވަރަށް މުހިންމު ވަސީލަތެއް.” ޒާހިރު ވިދާޅުވިއެވެ.
ށ. ފުނަދޫ އައިސް ޕްލާންޓާ އެކު ރާއްޖޭގެ 20 ތަނަކުން އައިސް ލިބޭނެ އިންތިޒާމު މިވަގުތު ހަމަޖެހިފައި ވެއެވެ. މީގެ އިތުރަށް ދ. މީދޫއާއި ދ. ބަނޑިދޫގައި ވަރަށް އަވަހަށް ޚިދުމަތް ދޭން ފެށޭނެއެވެ.
