ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް 2026 ގައި މިފްކޯއިން ބައިވެރިވެއްޖެ

ފަތުރުވެރިކަމާއި ކާބޯތަކެތީގެ ސިނާއަތުގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ “ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް” (އެފްއެޗްއޭއެމް) 2026 ގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބައިވެރިވެއްޖެއެވެ.

ހުޅުމާލޭގެ މެންހަޓަން ގްރޭންޑް ހޮޓެލްގައި ކުރިއަށްދާ މި މައުރަޒު ރަސްމީކޮށް ހުޅުވީ މިއަދު ހެނދުނެވެ. މި ސެޕްޓެމްބަރު މަހުގެ 7 އިން 9 ގެ ނިޔަލަށް ކުރިއަށްދާ މި މައުރަޒަކީ ކާބޯތަކެއްޗާއި މެހެމާންދާރީގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތައް އެއްތަންކޮށްދީ، އެކި ބާވަތްތަކުގެ އުފެއްދުންތައް ދައްކާލުމަށާއި، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން މި ދާއިރާގެ އައު އީޖާދުތައް ކުރިއެރުވުމަށް ފުރުސަތު ފަހިކޮށްދޭ މުހިންމު މަންސައެކެވެ.

މި މައުރަޒުގައި މިފްކޯގެ ޚާއްސަ ސްޓޯލެއް ގާއިމުކޮށްފައިވާއިރު، ކުންފުނީގެ ފާހަގަކޮށްލެވޭ ގިނަ އުފެއްދުންތަކެއް އަންނަނީ ދައްކާލަމުންނެވެ. އޭގެ ތެރޭގައި ފިނިކުރި މަހުގެ ބާވަތްތަކާއި، “ރަންވަރު” ބްރޭންޑުގެ އުފެއްދުންތަކުގެ އިތުރުން މިފްކޯގެ އާންމު އެހެނިހެން އުފެއްދުންތައް ހިމެނެއެވެ. އަދި މައުރަޒު ކުރިއަށްދާ މުއްދަތުގައި މިފްކޯގެ ސްޓޯލުން މިތަކެތި ގަންނަން ލިބޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން، މި މައުރަޒުގެ ތެރެއިން މިފްކޯއިން ވަނީ ޚާއްސަ ޕްރޮމޯޝަނަލް ކެމްޕޭނެއްވެސް ފަށާފައެވެ. އެގޮތުން، މިފްކޯގެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރަޖިސްޓަރީ ކޮށްގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިފްކޯއިން މި މައުރަޒުގައި ބައިވެރިވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެއްޗާއި މެހެމާންދާރީގެ ސިނާއަތަށް އެއްބާރުލުން ދިނުމާއި، އާންމު ކަސްޓަމަރުންނާއި ދާއިރާގެ ވިޔަފާރިވެރިންނަށް ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް އިޝްތިހާރުކޮށް ކުރިއެރުވުމެވެ.

އެހެންކަމުން، އެފްއެޗްއޭއެމް 2026 ކުރިއަށްދާ ވަގުތުތަކުގައި މިފްކޯގެ ސްޓޯލަށް ޒިޔާރަތްކޮށް، އުފެއްދުންތައް ބައްލަވާލައްވައި، ވިޔަފާރިކުރެއްވުމުގެ އިތުރުން ޚާއްސަ ޕްރޮމޯޝަންގައި ބައިވެރިވެވަޑައިގަތުމަށް އާންމު ރައްޔިތުންނަށާއި، ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާގެ އެންމެހާ ފަރާތްތަކަށް މިފްކޯއިން ދައުވަތު އަރުވައެވެ.

September 7, 2026