ވޭވަށު އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފި

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެގޮތް ފަހިކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) މެދުވެރިކޮށް މ.ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ވޭވަށު އައިސް ޕްލާންޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 27 ސެޕްޓެމްބަރު 2025 ގައެވެ. 240 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ މި މަސައްކަތުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން މަސައްކަތަށް ބޭނުންވާ ސާމާނު ސައިޓަށް ގެންގޮސް، މިހާރު ކުރަމުންދަނީ އައިސް ޕްލާންޓު އިމާރާތުގެ ފައުންޑޭޝަން މަސައްކަތެވެ.

ވޭވަށުގައި ގާއިމުކުރާ އައިސް ޕްލާންޓަކީ ދުވާލަކަށް 60 ޓަނުގެ ފްލޭކް އައިސް އުފެއްދުމުގެ ގާބިލުކަން ހުންނަ ޕްލާންޓެކެވެ. މި ޕްލާންޓު ގާއިމުކުރަނީ 100 ޓަނުގެ އައިސް ރައްކާކުރެވޭ ސްޓޯރޭޖް ފެސިލިޓީއަކާވެސް އެކުގައެވެ. އެހެންކަމުން، މި އައިސް ޕްލާންޓުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ޔަގީންކަން ބޮޑުވެ، މަސްވެރިކަމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކޮށް، މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެކެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތުގެ ވެސް ބައެކެވެ.

ކުރިއަށް ގެންދިޔައީ:

March 13, 2026