މިފްކޯއިން ވިޔަފާރީގެ އައު ފުރުޞަތުތަކާ ގުޅޭގޮތުން “ޖެޓްރޯ” އާއެކު މަޝްވަރާކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރި ފުޅާކުރުމާ ގުޅޭގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމުގައިވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން އޮތީ މިފްކޯއިން ޖަޕާނުގެ ޓޯކިޔޯއަށް މިހާރު ކުރަމުންދާ ޒިޔާރަތުގެ ތެރެއިން ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ.

މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމާއި އެކަމުގައި ޖެޓްރޯއަށް އެހީތެރިކަން ދެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.

މި ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މި މަޝްވަރާގައި ޖަޕާނުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހިންގުމާ ޙަވާލުވެޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާ ބައިވެރިވެވަޑައިގަތެވެ.

މިއީ ދުނިޔޭގެ މުހިންމު މާކެޓުތަކުގައި މިފްކޯގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކުރުމަށާއި، ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް މިފްކޯއިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

ކުރިއަށް ގެންދިޔައީ:

March 9, 2026