މިފްކޯއިން ޗައިނާގެ ސީއެމްއީސީއާއެކު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ އިންފްރާސްޓްރަކްޗަރ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމަށްޓަކައި، މިފްކޯ އާއި ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ)  އާ ދެމެދު 3 ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާތަކުގައި ސޮއިކުރެވުނީ ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިއަދު ސޮއިކުރެވުނު ފަހުމުނާމާތަކުގެ މަޤްޞަދަކީ މިފްކޯގެ ކޯލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ޤާބިލްކަން އިތުރުކުރުމެވެ.

މި ފަހުމުނާމާތަކުގެ ދަށުން ތ.ހިރިލަންދޫގައި ކޯލްޑް ސްޓޯރޭޖާއި ބްލާސްޓް ފްރީޒް ކުރާނެ މަރުކަޒެއް ތަރައްޤީކުރުމާއި، ގދ.ތިނަދޫގައި މަސްގަނެ ފިނިކޮށް ރައްކާކުރުމަށްޓަކައި މިފްކޯއިން ފަށާފައިވާ ޕްރޮޖެކްޓް އިތުރަށް ފުރިހަމަކޮށް ފުޅާކުރުމާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސައަށް މަސްގަނެ ރައްކާކުރުމުގެ ޤާބިލްކަން ފުޅާކުރުމުގެ އިތުރަށް، ފިނިކުރި ކަންނެލި ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ފެކްޓަރީއެއް އައްޑޫގައި ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމުގައިވާ ސީއެމްއީސީ އާއި މިފްކޯއާ ދެމެދު ސޮއިކުރެވުނު މި ތިން ފަހުމުނާމާއާ ގުޅިގެން ފެށިގެންދާ މަސައްކަތްތަކުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ފުޅާކުރުމަށާއި، ރާއްޖޭގައި ވެލިއުއެޑްކޮށް އެކްސްޕޯޓް ކުރުމަށް މަގުފަހިކުރުމަށް ސަރުކާރުން މިފްކޯ މެދުވެރިކޮށް ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ.

ކުރިއަށް ގެންދިޔައީ:

March 21, 2026