މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ 1 ކިލޯއިން މަތީ މަސް 16ރ. ގެ ރޭޓުން މިއަދުން ފެށިގެން ގަންނަން ފަށައިފިއެވެ.
މިއަދުން ފެށިގެން މި ބަދަލު ގެނައީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ކިލޯއަކަށްވުރެ ބަރު މަސް މިއަދުން ފެށިގެން މިފްކޯއިން ގަންނާނީ މަދުވެގެން 16ރ. އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު އެކަން އިޢުލާންކުރެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.
މި ބަދަލު ގެނައުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާ ދެމެދު ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރެވިފައެވެ. މީގެ ކުރިން މަސްވެރިންނަށް 16ރ. ލިބެނީ ދޮޅުކިލޯއިން މަތީ މަހަށް ކަމުގައިވީނަމަވެސް މިފްކޯއިން މަސް ގަންނަ އުސޫލަށް މިގެނެވުނު ބަދަލާ ގުޅިގެން 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް މި ރޭޓު މަސްވެރިންނަށް ލިބޭނެއެވެ.
މަސް ގަންނަ އުސޫލަށް މިގެނެވުނު ބަދަލާއެކު، އައިސްއެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން މިފްކޯއަށް ގަންނާނީ 16ރ. އަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރ. ދިނުމަށް ހަމަޖައްސާފައިވާއިރު 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18ރ. މަސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން މިއަދުން ފެށިގެން މިފްކޯއަށް މަސްވެރިން ކިރާ މަހަށް މިރޭޓުން ފައިސާ ލިބޭނެއެވެ.
މިފްކޯއަށް މަސް ގަންނަ އަގަށް މިގެނެވުނު ބަދަލުގެ މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމެވެ. މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދައުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވެ ހިންގުމުގެ ޚަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މަސްވެރިންނަށް ފޯރުކޮށްދިނުމަށެވެ.
