ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026ގެ ބައިވެރިންނަށް ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހަރަކާތްތައް ދައްކާލައިފިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މަސައްކަތްތައް ހިނގާގޮތް އަމަލީގޮތުން ދައްކާލުމަށް އިއްޔެ ކުރިއަށް ގެންދެވުނު މިހަރަކާތަކީ މޯލްޑިްވސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ގުޅިގެން އިންތިޒާމު ކުރެވުނު ހަރަކާތެކެވެ. މިގޮތުން ސިޑްސް ޖީބީއެން ފޯރަމްގައި ބައިވެރިވުމަށް ރާއްޖެ އައި ވަފުދުގެ ބައިވެރިންނަށް މާލޭ މަސް މާރުކޭޓާއި، މާލޭ ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މިފްކޯގެ ކަނޑުއޮތްގިިރި ފެސިލިޓީ ވަނީ ދައްކާލާފައެވެ.
މާލޭ މަސް މާރުކޭޓަށް ކުރި ޒިޔާރަތުގައި، މަސްވެރިކަމުގެ ސިނާޢަތުގައި މާރުކޭޓުގެ ދައުރާއި، ސަގާފީ މަސްވެރިކަމުގެ ހަރަކާތްތަކުގެ އިތުރުން ރާއްޖޭގެ ބާޒާރުގައި މަސް ވިއްކުމުގެ ކަންކަން ހިނގާގޮތުގެ މަޢުލޫމާތު ބައިވެރިންނަށް އެރުވުނެވެ. ދަތުރުވެރިންގެ މާރުކޭޓުގައި، ރަށްރަށުގެ އުފެއްދުންތަކާއި، އެ މަސައްކަތްތަކުން އާންމުންގެ ދިރިއުޅުމަށާއި އިޤްތިޞާދަށް ކުރާ ފައިދާތަކާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައި ވެއެވެ.
މީގެ އިތުރުން، މިފްކޯއިން ހިންގަމުންދާ ކަނޑުއޮތްގިރީގެ މަސައްކަތްތަކާއި، ދާދިފަހުން އެރަށުގައި ހުޅުވި ހިިކިމަސް ތައްޔާރުކުރާ ކާރުޚާނާ ވަނީ ދައްކާލާފައެވެ. މިގޮތުން މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ މަރުހަލާތަކާއި، ކޮލިޓީ ކޮންޓްރޯލް ކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ އިތުރުން، މަސް ކިރުވާ ހިސާބުން ފެށިގެން އުފެއްދުން ބަންދުކުރުމާ ހަމައަށް ހިނގާ ހުރިހާ މަރުހަލާތަކެއް ބައިވެރިންނަށް އޮޅުންފިލުވައިދީފައިވެއެވެ.
މި ޒިޔާރަތުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައާއި، މަހުގެ އުފެއްދުންތަކަށް އަގުއެއްކުރުމުގައި މިފްކޯއިން އަދާކުރާ މުހިންމު ދައުރު ބައިވެރިންނަށް ވަނީ އަމަލީގޮތުން ތަޖުރިބާކުރެވިފައެވެ.
މި ޒިޔާރަތަކީ މިމަހުގެ 23 އިން 25 އަށް ރާއްޖޭގައި ބޭއްވި “ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީ.ބީ.އެން) ފޯރަމް” އަދި “އައިލެންޑް އިންވެސްޓްމަންޓް ފޯރަމް” ގެ ހަވާސާގެ ތެރެއިން ބޭއްވުނު ޙަރަކާތެކެވެ.


