މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލަކުގައި ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ވިޔަފާރި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މިފްކޯގެ ހަތްވަނަ މަސްފިހާރަ ފުވައްމުލައް ސިޓީގައި މިރޭ ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ ސިޓީތަކުގައި މިފްކޯގެ މަސްފިހާރަތައް ހުޅުވުމަށް ކުންފުނިން ނިންމާފައިވާ ނިންމުމުގެ ދަށުން، މާލެ ސަރަހައްދުން ބޭރުގައި ހުޅުވި ދެވަނަ މަސްފިހާރައެވެ. މީގެ ކުރިން، މިއަހަރުގެ މެއި މަހުގެ ފަހުކޮޅު އައްޑޫ ސިޓީ ހިތަދޫގައި ވަނީ މަސްފިހާރައެއް ހުޅުވާފައެވެ. މީގެ އިތުރުން، މާލޭގެ ދެ ފިހާރައާއި ހުޅުމާލޭގެ ތިން ފިހާރަ މެދުވެރިކޮށް މިފްކޯއިން އަންނަނީ ކުންފުނީގެ އުފެއްދުންތައް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ.

މިރޭ ހުޅުވި ފުވައްމުލަކު މަސްފިހާރަ ގާއިމުކޮށްފައިވަނީ ފުވައްމުލަކު ބަނދަރު ސަރަހައްދުގައި ހަދާފައިވާ ފުވައްމުލައް ފިޝް ޕްރޮސެސިންގ ފެސިލިޓީއާ އިންވެގެންނެވެ. މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު އަނަސް އެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އިސްވެރިންނާއި ފުވައްމުލަކު ރައްޔިތުން ބައިވެރިވިއެވެ.

ފުވައްމުލަކު މަސްފިހާރައިގެ ސަބަބުން އެރަށު ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބުމަށް މަގުފަހިވެގެންދާނެއެވެ. އަދި މި ފިހާރައިން މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުންނާނެއެވެ.

މިފްކޯގެ ފިހާރަތައް އިތުރުކޮށް ވިޔަފާރި ފުޅާކުރަމުންދާއިރު، ކުންފުނީގެ އަމާޒަކީ އުފެއްދުންތެރިކަން އިތުރުކޮށް، ފެންވަރު ރަނގަޅު އުފެއްދުންތަކެއް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވައި، ދިވެހި މަސްވެރިންނަށް ނަފާ އިތުރުކޮށްދިނުމެވެ.