ޗައިނާ ބާޒާރަށް މަސް އެކްސްޕޯޓްކުރުމަށް ސައިނޯމެކް ހައިނާންއާއެކު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ރާއްޖޭގެ ކަނޑުމަސް ޗައިނާގެ ބާޒާރަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތުތައް ފަހިކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން، ޗައިނާގެ ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓް ކޮމްޕެނީއާއެކު ފަހުމުނާމާއެއް (އެމް.އޯ.ޔޫ) ގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރެވިފައިވަނީ މިއަދު ރާއްޖޭގައި ފެށި “ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް” ގެ ތެރެއިންނެވެ. މިފްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު އަނަސް އެވެ. ސައިނޯމެކް ހައިނާން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެޑްވައިޒަރު އޯ ވޭގުއޯ އެވެ.

މި ފަހުމުނާމާގެ ދަށުން، ޗައިނާގެ ބާޒާރުގައި ހުރި ފުރުޞަތުތައް ދެނެގަނެ، މަސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް އެކުލަވައިލުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތްކުރާނެއެވެ. މީގެ ތެރޭގައި އުފެއްދުންތަކުގެ ފެންވަރާއި، ބަންދުކުރުމާއި، ލޮޖިސްޓިކްސް އަދި ޗައިނާގެ ބާޒާރަށް މަސް އެކްސްޕޯޓްކުރުމުގައި ފުރިހަމަވާންޖެހޭ ޤާނޫނީ މިންގަނޑުތަކާ ގުޅޭ ކަންކަން ހިމެނެއެވެ. މިގޮތުން މަސް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މިފްކޯއިން ހަރަކާތްތެރިވުމަށް ހަމަޖެހިފައިވާއިރު، ސައިނޯމެކް ހައިނާން އިން މަސައްކަތްކުރާނީ ޗައިނާގެ ބާޒާރުން ފުރުޞަތުތައް ހޯދުމަށެވެ. މީގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ދިރާސާތަކާއި ވިޔަފާރީގެ އިންތިޒާމުތަކަށް ރިޢާޔަތްކޮށް، 2027 ވަނަ އަހަރުން ފެށިގެން އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ފަހުމުނާމާއަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ބައިނަލްއަޤުވާމީ އާ ބާޒާރުތައް ހޯދުމަށް މަގުފަހިކޮށްދީ، ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބިގެންދާނެ ވަރަށް މުހިންމު ފުރުޞަތެކެވެ.

October 28, 2026