އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އައްޑޫ ސިޓީގައި މަސްފިހާރައެއް ހުޅުވައިފިއެވެ.

އައްޑޫ ސިޓީގައި މިފްކޯގެ މަސްފިހާރައެއް ހުޅުވީ ހިތަދޫގައެވެ. މިރޭ މި ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢު އެވެ.

އައްޑޫ ސިޓީގެ މަސްފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވިދާޅުވީ އައްޑޫ ސިޓީއަކީ ދިވެހި މަސްވެރިކަމުގެ ސިނާޢަތާއި އަދި މިފްކޯއާ ވެސް ވަރަށް ގާތް ގުޅުމެއް އޮތް ސިޓީއެއް ކަމަށެވެ. އެހެންކަމުން މާލެ ސަރަޙައްދުން ބޭރުގައި ހުޅުވުނު މިފްކޯގެ ފުރަތަމަ މަސްފިހާރަ އައްޑޫގައި ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ސީއީއޯ ވިދާޅުވީ މި ފިހާރައާއެކު، ހުޅުމީދޫގައި މިފްކޯއިން ގާއިމުކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މެދުވެރިކޮށް، ލޯކަލް ޕްރޮޑަކްޝަން އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ރައްޔިތުންނަށް މިފްކޯގެ އުފެއްދުންތައް ލުއި އަގެއްގައި މެދުނުކެނޑި ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ސީއީއޯ ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާއި މިފްކޯގެ ތަރައްޤީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބަހައްޓަވާ އަހަންމިއްޔަތާއި ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މަސްވެރިކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި މިފްކޯއިން މިރޭ ހުޅުވި މަސްފިހާރައަކީ މާލެ ސަރަޙައްދުން ބޭރުގައި މިފްކޯއިން ހުޅުވި ފުރަތަމަ މަސްފިހާރައެވެ. މި ފިހާރަ ހުންނަނީ އައްޑޫ ހިތަދޫގައި މިފްކޯއިން ހިންގާ އައިސް ޕްލާންޓް ކައިރިން ލިންކް ރޯޑަށްވާގޮތަށެވެ. މިރެއިން ފެށިގެން މި ފިހާރައިން މިފްކޯގެ އުފެއްދުންތައް ލިބެން ހުންނާނެއެވެ.

ކުރިއަށް ގެންދިޔައީ:

May 25, 2026